ކާށިދޫގެ ކުލަބް ޖަމިއްޔާތަކަށް އޮތީ ރަތްޔިތުން ބައި ބައި ކުރުންބާ؟
ޒަމާނުއްސުރެ ކާށިދޫގާ ޖަމިއްޔާތަކެއް އަދި ކުލަބުތަކެއް ވެސް ކާށިދޫގެ އެއިރެއްގެ ޒުވާނުން އަންނަނީ ހިންގަމުންނެވެ. އެކަމަކީ ރަށެއްގެ ތަރައްގީއާ ކުއެރުމައް ކޮށާލެވިގެންދާ ވަރަށް ފުޅާ މަގަކަށް ވުމާމެދު ވަރަށް ގިނަ ބަޔަކު ސައްކެއް ނުކުރެއެވެ. ނަމަވެސް ކާށިދޫގާ މި ދެންނެވި ފަދަ ކުލަބު ޖަމިއްޔާތައް ވެގެންދަނީ ރަތްޔިތުން ބައި ބައި ކުރުވާ ފިތުނައިގެ ހުޅުފަޅުވާ އާލާތަކަށެވެ.
ކަން މިހެން ހިގަން ފަށާފާ ވަނީ އަދަކު، އިއްޔެކަކު ނޫނެވެ. ކަމަކީ ވަރަށް ކުރީސުރެ ވަމުން އަންނަ ކަމެކެވެ. މި ކަމުގެ އަސްލު ފެށިފާވަނީ ކުދި ކުދި ސަބަބު ތަކަކުންނެވެ. ނަމަވެސް ހިތާމަޔަކީ ކުޑަ މައްސަލަޔަކުން ފޭށޭ ކަމެއްގެ އާހިރު ނިމުން އަންނަނީ އާއިލީ ގުޅުން ކަނޑާ އެކުވެރިން ދޫކުރާ ހަމައިންނެވެ. އެތަކެއްބަޔަކު ބުރަމަށައްކަތުން ހޯދާފައިވާ ހަރުމުދާ ފަޅާ ކުދި ކޮގެން ނަމަވެސް ބޮލަކައްޖެހޭ ވަރަށް ބަހަންޖެހުމެވެ. މިކަމަކީ އެއްވެސް ބަޔަކު ބޭނުންވާނޭ ކަމެއްނޫނެވެ.
މިއަދާ ޖެހެންދެން ވެސް މިގޮތައް ކަންކަން ވަމުން އައިސްފާވާ އިރު، މައްސަލަ ޖެހި ބައި ބައިވި އެއްވެސް ބަޔަކު އެއްބައިވި ތަނެއް ފެނިފަކާ ނެތެވެ. އަދި އެބައި ބައި މީހުން ބައިވެފާ ވަނީ ދެބަޔަށް ވަމަށްވާނަމަ އެބައިމީހުން ކުދި ދެ ކުލަބު ނުވަތަ ޖަމިއްޔާ ހަދައެވެ. މިގޮތައް ވުމުންގެ ސަބަބުން ކާށިދޫގާ އުފެދުނު ބޮޑު ދެ ޖަމިޔާ ރޫޅެމުން ރޫޅެމުން ގޮސް މިޔަދު ވަނީ 8ވަރަކައް ކުލަބު،ޖަމިއްޔާ ކާށިދޫގާ އުފެދިފައެވެ. އެތަނުން އެބަޔަކު އަނެއްބަޔަކާ ގުޅޭކައް ބޭނުމެއްނުވެއެވެ. އެއްބަޔަކު ކުރާކަމަކައް އެއްބާރު ލުންދިނުމީ އެދިންބައެއްގެ ގަދަރާ އިއްޒަތަށް މަލާމަތް ލިބޭކަމަކަށް ވަނީ ކާށިދޫގެ ރައްޔިތުން އަމިއްލައަށް ހަދާފައެވެ.
މި ހަގީގަތާ މިޔަދު ކާށިދޫގެ ޒުވާނުންނާ ކުމަތިފައިވާ އިރު، މިކަމަށް ހަލެއް ހޯދުމަކީ ބޮލުގާ އެޅިފައިވާ ޒިންމާއެކަންމާ މެދު ވިސްނަނީ ކިތައް ޒުވާނުންބާ؟ މިޔަދު އެބަޔަކު ކުރާކަމެއް އަނެއްބަޔަކައްވެސް ކުރެވޭކަން ދެއްކުމުގެ ބަދަލުގާ ގިނަބަޔަކު އެއްބައިވެގެން އެއްފަހަރާ ގިނަ އަދަދެއްގެ ހަރަކާތްތަކެއް މިހާރު މިކުރާ ގޮތަށް ވުރެ ފުރިހަމަ އަށް ކުރެވިދާނެއެވެ. އެގޮތަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ގަބޫލުކުރާށެވެ. އަދި ކުރިއައް އޮތްތާ ފިކުރީ ގޮތުންނާ އަމަލީ ގޮތުން ޒުނާނުން ކުރާ ކަންތަކާ މެދު އެއްގޮތަކަށް ވިސްނުމުގެ އަޒުމެއް ގެންގުޅުނީޔާ ކާށިދޫ އެއްބައި ކުރެވިދާނެއެވެ.
މިޔަދުގެ ހާލަތު މާދަމާގެ ދަރިންނާ ހަމަޔައް ނުދަނީސް ހުއްޓުވަން ވިސްނާށެވެ. ނޫނީޔާ މި ކާށިދޫގެ މުސްތަގުބަލް ގެއްލިދާނެއެވެ. އަދި މާދަމާ އެހެން ރަށެއްގެ ބަޔަކު މި ކާށިދޫގެ ބާރާ އާރު އަހަރެމެން އަތުން ފޭރިގަންނާނެ ކަމާމެދު އެއްވެސް ސައްކެއްވެސް ނެތެވެ. މީ ހިތާމަ ހުރި ކަމެކެވެ. މީ ނުވާނޭ ކަމަކަށް ވިސްނޭ ނަމަ ކާފު އަތޮޅު ތުލުސްދޫ އަށް ވިސްނާ ލަމާ! އަމިއްލަ ރަށުގާ ބޭރު ރަށަކުން އެރި ބީރައްހި ބަޔަކައްވުރެ އެމީހުން ވަނީ ދަށްވެފައެވެ. ކާށިދޫ މާދަމާގެ ޖީލަށް ފަހުވެރި ވެވޭ ފަދަ ގޮތަކައް ގެންގޮސް ދިނުން ކާށިދޫގެ ކޮންމެ ރައްޔިތެއްގެ ޒިންމާޔަކައް ހަދަމާ!
No comments:
Post a Comment